ވައިކަރަދޫ ކުރީގެ ހުކުރުމިސްކިތަށް ނަޒަރު ހިންގާލާއިރު، އެމިސްކިތުގެ ގޯތިތެރޭގައި ފާހަގަކޮލެވޭ ދެތަނެއް އެބަހުއްޓެއެވެ. އެއީ މިސްކިތުގެ އުތުރުން، މިސްކިތަށް ވަންނަ ދޮރުކައިރީ ހުރި ވަގުތުބަލާ ގަލަކާއި، މިސްކިތުގެ ދެކުނުގައި ހުރި ހަތަރުމަހާނައެވެ.
މި މިސްކިތު ގޯތިތެރޭގައި ވަޅުލާފައި ތިބީ ކޮންބައެއްކަން، ރަށުގެ ދުވަސްވީ މީހުންނަށް ސާފުކޮށް ބުނެދޭން އެނގުނުނަމަވެސް މިހާރުގެ ޒުވާންޖީލަށް މިއީހަމަ ސުވާލަކަށް ވެދާނެއެވެ. އެހެންކަމުން މި މިސްކިތުގައި ވަޅުލާފައި ތިބި މީހުންގެ މަޢުލޫމާތު ކުރުގޮތަކަށް ބަޔާންކޮށްދޭން ގަސްތުކުރީމެވެ.
މިތާގައި އެންމެ ފުރަތަމަ ވަޅުލާފައިވާ ވަނީ ރަސްމީކޮށް ދެވަނައަށް މުދިންކަމާއި ހަވާލުވި، މުދިން ސުލައިމާން އަހްމަދުއެވެ. މިއީ ފުރަތަމަ މުދިންކަމާއި ހަވާލުވި މާމުދިން އަހްމަދުގެ ދަރިއެކެވެ. އަދި މިއީ ވައިކަރަދޫ ބޮޑު ކަތީބުކަންކުރި އަލީ ސުލައިމާން (އަލިކަތީބު) ގެ ބައްޕައެވެ. މުދިން ސުލައިމާނު ނިޔާވި އަހަރުކަމަށް މަހާނަގަލުގައި ޖަހާފައިވަނީ 1364 ހ ކެވެ. ހަތަރު މަހާނާއިގެ ތެރެއިން ބޮޑުކޮށް، އެންމެ އިރުމައްޗަށް އެހުރީ މުދިން ސުލައިމާނުގެ މަހާނައެވެ.
ދެވަނައަށް ވަޅުލާފައިވަނީ ވައިކަރަދޫ ކަތީބު އަލީ މުހަންމަދު (މޮޅުއަލީކަތީބު)ވެ. މިއީ ރަސްމީކޮށް ވައިކަރަދޫގެ ވެރިކަމާއި ހަވާލުވި ތިންވަނަ ކަތީބެއެވެ. މޮޅުއަލީކަތީބަކީ މިރަށުގެ ކަތީބުކަމުގެ މަޤާމު ދިގުމުއްތަކަށް ކުރެއްވި ކަތީބު ހުސައިންއަލީ (ހުސައިންކަތީބު)ގެ ބައްޕައެވެ. އަދި މިއީ މިފަހުން ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުކަން ކުރެއްވި އަލްއުސްތާޒް އަހްމަދު ފާއިޒް ހުސައިންގެ (ބައްޕަ ފަރާތު) ކާފައެވެ. މޮޅުއަލީކަތީބު ނިޔާވި އަހަރުކަމަށް މަހާނަގަލުގައި ޖަހާފައިވަނީ 1366 ހ ކެވެ. ހަތަރު މަހާނައިގެ ތެރެއިން އިރުން ދެވަނައަށް ފެންނާން ހުރީ ކަތީބު އަލީ މުހަންމަދުގެ މަހާނައެވެ.
ތިންވަނައަށް ވަޅުލާފައިވަނީ ވައިކަރަދޫ ކުޑަކަތީބުކަމުގެ މަޤާމާއި އެންމެފުރަތަމަ ހަވާލުވި ކުޑަކަތީބު އިބްރާހީމް މުހަންމަދުއެވެ. މިއީ މުދިން އަބްދުލްރަހީމް (މުދިންބޭ)ގެ ބައްޕައެވެ. އަދި މިރަށުގެ ފުރަތަމަ މުދިންކަންކުރި މުދިން އަހްމަދާއި، މި ކުޑަކަތީބު އިބްރާހީމް މުހަންމަދާއި މިއީ އެއްބަނޑު އެއްބަފާ ދެބެއިންނެވެ. ރަސްމީލިޔުންތަކުން ފެންނަގޮތުން މުދިން އިބްރާހީމް ނިޔާވެފައިވަނީ 16 ރަބިއުލްއަވަލް 1375 ގައެވެ.
މި މިސްކިތުގައި އެންމެ ފަހުން އަދި ހަތަރުވަނައަށް ވަޅުލާފައިވަނީ ވައިކަރަދޫގެ ކުޑަކަތީބުކަމާއި، ނައިބުކަންވެސް ކޮށްފައިވާ ހުސައިން މުސާ (ދޮން ހުސައިން) އެވެ. ދެވަނައަށް ވައިކަރަދޫގެ ނައިބުކަމަށް އިސްވިއިރު، ދޮން ހުސައިނަކީ ވައިކަރަދޫގެ ހަތަރުވަނަ ކުޑަ ކަތީބެވެ. މިއީ ވައިކަރަދޫ އިހްސާންހުސައިންގެ ބައްޕައެވެ. އަދި ހދ އަތޮޅުކައުންސިލްގެ ދެވަނަ ދައުރުގައި ކައުންސިލް މެންބަރުކަމާއި، އެކުންސިލްގެ ރައީސްކަން ކޮށްފައިވާ ހުސައިން ސަޤީފްގެ (ބައްޕަ ފަރާތު) ކާފައެވެ. ރަސްމީ ލިޔުންތަކުން ފެންނަގޮތުން ނައިބު ދޮންހުސައިން ނިޔާވެފައިވަނީ 22 ޒުލްގައިދާ 1378 ގައެވެ. މިތަނުން އެންމެ ދެކުނަށް އެހުރީ ނައިބު ދޮންހުސައިނުގެ މަހާނައެވެ.
ދާދިއަވަހަށް ނެތިފަނާވިޔަކަސް އަގެއްނެތް ޖިސްމުތައް
ތާއަބަދު ދެމިހުންނަ ހެޔޮ ޒިކުރާއަކަށް ނިމުމެއްނެތޭ